navLogo

އެމްއޭސީއެލްގެ އެއާޕޯޓްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތްތަަކެއް އެބަ ކުރަން: ޝަރީފް

އެމްއޭސީއެލްގެ އެއާޕޯޓްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތްތަަކެއް އެބަ ކުރަން: ޝަރީފް
ޕޮޓޯ: އެމްއޭސީއެލް
މަރިޔަމް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގަމުންދާ ހުރިހާ އެއާޕޯޓްތަކެއްގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާ އަހަރުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ޝަރީފް ވިދާޅުވީ، ނިމިދިޔަ އަހަރަކީ އެމްއޭސީއެލްއަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ރައްޔިތުންނަށާއި ފަސިންޖަރުންނަށް ދެމުންދާ ހިދުމަތްތައް އަވަސްކޮށް، ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން އެއާޕޯޓްތަކުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، "2025 ވަނަ އަަހަރަށް އަލްވަދާއު ކިޔަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ހުރިހާ އެއާލައިންތަކެއް އެތަނަށް ބަދަލުވެ ހިދުމަތް ދޭން ފެށުމާއި އެކު، އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓް ހުޅުވި ގިނަ ވަސީލަތްތަކާއެކު ހިދުމަތް ދޭން ފެށިފައިވުމާއެކު،" ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އެމްއޭސީއެލްގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓްތަކެއްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ފެށުނު 2026 ވަނަ އަހަރަކީ މިއަށްވުރެ ކާމިޔާބު އަހަރަކަށް ހެދުމަށްޓަކައި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ އެއްބަރުލުމާއި އެހީތެރިކަން ލިބޭނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ވައިގެ ބަނދަރުތައް ތަރައްގީކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ދަށުން، އެމްއޭސީއެލްއިން އަންނަނީ އެއާޕޯޓްތަކުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރަމުންނެވެ.

Rate this article

Leave a Comment

Comments (0)