navLogo

ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެއްގެ ދަށުން - ފައްޔާޒް

ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެއްގެ ދަށުން - ފައްޔާޒް
ޕޮޓޯ: ޝޯސަލް މީޑިޔާ
މަރިޔަމް

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމާ ގުޅޭ ގަވާއިދު އިސްލާހުކުރުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުނު އިސްލާހުގައި ވަނީ މުވައްޒަފުން ހެދުން އެޅުމާ ގުޅޭ މާއްދާއަށް ބަދަލު ގެނެސްފައެވެ. އޭގައި ބުނެފައި ވަނީ، އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުންކުރެވިދާނެ ކަމަށެވެ. އެފަދަ ހެދުންތައް ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ ކުރުނުވާ ގޮތަށް ކަމަށާއި އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ތައްޔާރުކޮށްފައިވާ ހެދުމަކަށް ވެސް ވާންޖެހޭނެކަމަށް ބުނެފައިވެއެވެ.

ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ އަރިމަތިން، ކުރިމަތިން، ފުރަގަހުން އަދި ތިރިން ފަޅާފައި ހުންނަ ނަމަ، ފަޅާފައި ހުންނަ ބައި ހުންނަންވާނީ މައްޗަށް އަތް ދަމާލީމާ އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާ ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ވަރަށް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ.

މީގެއިތުރުން، މިފަދަ ހެދުންތަކުގެ ދިގުމިން ހުންނަންވާނީ ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ކުރު ނުވާ ވަރަށް ކަމަށް ވެސް ގަވައިދުގައި ބުނެފައިވެއެވެ.

ސިވިލް ސަރވިސްގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން ރަސްމީ މަސައްކަތުގައި ތިބެންވާނީ ގަމީހާއި ފަޓުލޫނު، ޓައި އަދި އޮފީސް ބޫޓުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. ގަމީހުގެ ގޮތުގައި އަތްދިގު ނުވަތަ އަތްކުރު ގަމީހާއި ބުސް ގަމީސް ބޭނުންކުރެވިދާނެ ކަމަށާއި ބެގީ ބަހައްޓަން ވީގޮތާއި ގަހަނާގެ ގޮތުގައި އަނގޮޓިއެއް ފިޔަވައި އިތުރު އެއްޗެއް ނޭޅޭނެކަންވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން އަޅާ ގޮތް ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ގޮތުން ކަމަށެވެ.

"ވެރިކަމާ ހަވާލުވެ ހުރިހާ ކަމެއް ކުރަމުން ދަނީ ހުދުމުހުތާރުކަން ދައްކައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށް. ސިވިލް ސާވިސް ގަވާއިދު ބަދަލުކޮށް މުވައްޒަފުން ހެދުން ބަދަލުކުރުވަނީ ރައްޔިތުން ކޮންޓްރޯލް ކުރުމުގެ އެޖެންޑާއެއްގެ ދަށުން. ސިވިލް ސާވިސްގެ ހެދުން އެޅުމުގައި މައްސަލައެއް އޮވެގެނެއް ނޫން. ބޭނުމަކީ ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދޭ ޒާތީ މިނިވަންކަން ފޭރިގަތުން. ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއް ކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާ ބެހި އޮބިހެއްޓޭނެ ކަމަށް ދެކިގެން ނުވާނެ. ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމު." ފައްޔާޒް ވިދާޅުވިއެވެ.

Loading tweet...

ފައްޔާޒް މިހެން ވިދާޅުވި ނަމަވެސް، ސިވިލް ސަރވިސް މުވައްޒަފުން ހެދުން އެޅުމުގެ މިންގަނޑުތައް ފަހަކަށް އައިސް އިޖުތިމާޢީ މިންގަނޑަށްވުރެ ދަށްވެފައިވާ ކަމުގެ ޝަކުވާތައް ގިނަ ބަޔަކު ވަނީ ސަރުކާރާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކާ ގުޅިގެން އެ މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ދަންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ ހ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތެއްގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިކަމާ ގުޅޭގޮތުން ވަކި ބަޔާނެއް ނެރެފައި ނުވިނަމަވެސް، ސަރުކާރުގެ ފަރާތުން ބުނެފައިވަނީ މި އިސްލާހަކީ ސަރުކާރުގެ އޮފީސްތަކުގައި ރަސްމީ މާހައުލާ އެކަށީގެންވާ ހެދުން އެޅުމުގެ ސަޤާފަތް އަލުން ދިރުވުމަށް ގެނެވޭ ބަދަލެއް ކަމަށެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް މިފަދަ ބަދަލެއް ގެނައުމަކީ ރައްޔިތުންގެ ޒާތީ މިނިވަންކަމަށް އަރައިގަތުމެއް ކަމަށް ފައްޔާޒް ވިދާޅުވި ނަމަވެސް، ސަރުކާރުގެ ފަރާތުން ބުނަނީ މިއީ ދައުލަތުގެ މުއައްސަސާތަކުގެ ރަސްމީކަން ދެމެހެއްޓުމަށާއި އިސްލާމީ އަދި ދިވެހި އާދަކާދައާ އެއްގޮތަށް ހެދުން އެޅުމުގެ ސަޤާފަތް ކުރިއެރުވުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

Rate this article

Leave a Comment

Comments (0)