navLogo

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް އުފައްދަވައިފި

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް އުފައްދަވައިފި
ޕޮޓޯ: ރައީސް އޮފީސް
މަރިޔަމް

ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

މި އިދާރާއަކީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީގެ ގާނޫނުގެ ދަށުން އުފެއްދެވި ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި އޮފީހަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާ) ގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 25 އޮގަސްޓް 2025 ގައެވެ. އަދި މިއަދުން ފެށިގެން މި ގާނޫނަށް ވަނީ އަމަލުކުރަން ފަށާފައެވެ. މި ގާނޫނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މި އޮފީހުގެ ކަންކަން ބަލަހައްޓާނީ އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ. އަދި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ "ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ" އެވެ.

މި ގާނޫނުގައި ރަޖިސްޓްރާރ އައްޔަނުކުރުމާއި ވަކިކުރުމުގެ އުސޫލުތަކާއި، އެ ފަރާތުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތަކުގެ އިތުރުން، އޮފީހުގެ އިދާރީ މުވައްޒަފުންނާ ގުޅޭ ތަފްސީލުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ފިކުރީ މުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، އެއާ ގުޅޭ އެންމެހައި ގަވާއިދުތައް ތަންފީޒުކުރުމުގެ ބާރުވެސް މި އޮފީހަށް ވަނީ ލިބިދީފައެވެ.

Rate this article

Leave a Comment

Comments (0)